ޝަރީފް ދެކެނީ ކައުންސިލުތަކާ މުއިއްޒު ބައްދަލު ކުރެއްވުމުން ވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާވާ ކަމަށް
އަދަދު
6 އޯގަސްޓު 2025 | ބުދަ | 8:53
ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރަށު ކައުންސިލުތަކާ ބައްދަލު ކުރެއްވުމުން ވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާވާ ކަމަށް ލޯކަލް ގަވަމަންޓް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލުތަކަށް ލިބޭ މާލީ ބާރުވެރިކަން ހިމެނޭ ގޮތަށް ގިނަ ބާރުތަކެއް ހަނި ކުރަން މިއަދު މަޖިލީހުން ބިލެއް ފާސް ކުރި ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުތަކާ ބައްދަލު ކުރުން ވެސް ހިމެނޭ ކަމަށެވެ.
"ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ހަގީގީ މާނައިގާ ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް،" މިނިސްޓަރު ވިދާޅުވި އެވެ.