މިއީ ވިޒިޓް މޯލްޑިވްްސްގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް، ކުރަނީ ވައްކަން: ޣަފޫރު
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 11:19
މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިއަށްނުގެންދާ ކަމަށާއި މިއީ "ވިޒިޓް މޯލްޑިވްސް" ގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން 2027 ގެ ނިޔަލަށް ފަސް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޣަފޫރު ވަނީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައި ނުވަނީ 50 ވަރަކަށް ރަށެއްގައި ކަމަށާއި އެ ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށްދަނީ ކޮން ރަށެއްގައިތޯ އެއްސެވުމަށް ފަހު ޣަފޫރު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށްގެންދަން ސަރުކާރުގައި މިހާރު ލާރި ނެތް ކަމަށެވެ.