ހަބަރު ޖެހުމުން އަމާޒުވީ ފާޑުކިޔުންތަކާއެކީ ސެންޓްރަލް ޕާކުގައި ނުނަގާ ހުރި ޓެންޓު ރޫޅާލައިފި
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 11:20
މިދިޔަ މެއި މަހުގެ ފަހުކޮޅު ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2025" އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮފިޝަލް އިވެންޓްސްއިން ޖެހި ޓެންޓު އެ ތަނުގައި ބޭނުންނުކޮށް ހުންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އިއްޔެ ރޫޅާލައިފި އެވެ.
އޮފިޝަލް އިވެންޓުން ބެހެއްޓި ޓެންޓު ރޫޅާލާފައި މިވަނީ، އެ ޓެންޓު އެތަނުން ނަގަން ތަކުރާރުކޮށް އެންގުމުން ވެސް ނުނަގާ ހުރި މައްސަލައިގެ ހަބަރު ހެދުމުން އާންމުންގެ ފާޑުކިޔުން ބޮޑުވީ ފަހުންނެވެ. އިއްޔެ ހެނދުނު ޓެންޓުގެ ދަގަނޑު ސްޓްރަކްޗަރު ރާވާފައި ހުރި ނަމަވެސް، މިއަދު ހެނދުނު އެ ދަގަނޑުތައް ވަނީ އެއްކޮށް ރޫޅާލާފަ އެވެ.
މި މައްސަލައިގައި ފާޑުކިޔުން ބޮޑުވީ ސެންޓްރަލް ޕާކަކީ ވިޔަފާރި އުސޫލުން ދޫކުރާ ތަނަކަށް ވެފައި، އެއްވެސް އަގެއް ނުނަގާ ގޮތަށް އެތަނުގައި ޓެންޓު ބަހައްޓާފައި ހުންނަން ފުރުސަތު ދިނުމުންނެވެ.