ތުރުކީއާއެކު ސޮއި ކުރި ޓްރޭޑް އެގްރިމެންޓް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށަނީ
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 1:18
ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއި ކުރި ޕްރިފެރެންޝަލް ޓްރޭޑް އެގްރިމެންޓު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށޭނެ ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ޓްރޭޑް އެގްރިމެންޓު ތުރުކީގެ ޕާލިމެންޓުން ބަލައިގަތުމާއެކު އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނެ ކަމަށެވެ. ކުރިއަށް އޮތް އެކެއް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި ތުރުކީގެ ޕާލަމެންޓުން އެ އެއްބަސްވުން ބަލައިގަންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެ އޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމަ މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި އެކެއް ނުވަތަ ދެ މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ. އޭގެ މާނައަކީ ތުރުކީން ގެންނަ މިފަދަ މުދާ ވެސް ހަމަ ޒީރޯ ޑިއުޓީގައި ނުވަތަ ޑިއުޓީއަކާއި ނުލައި ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.