ކޭނަރީ ވަނީ އޮޑިޓުކޮށްފައި، އަގާ ގުޅޭގޮތުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް: އެންސިސް
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 8:21
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ގަންނަން މަޝްވަރާ ކުރަމުންދާ ހުޅުމާލޭގައި ހުންނަ އެންސިސް ކޭނިން ފެކްޓްރީއަކީ އޮޑިޓުކޮށްފައިވާ ފެކްޓްރީއެއް ކަމަށާއި އެ ފެކްޓްރީގެ އަގާ ގުޅޭގޮތުން ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކޭނަރީ ގަންނަން އުޅޭކަން މިފްކޯއިން ހާމަކުރީ އޮގަސްޓު 9، ގަ އެވެ. ކޭނަރީ ގަތުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ނިމިފައިވާ ކަމަށް މިފްކޯއިން އެ ދުވަހު ބުނެފައި ވެ އެވެ. ކޭނަރީ ގަންނަ އަގެއް އެ ކުންފުނިން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންސިސްއިން ވަނީ އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބުނީ ކޭނަރީއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހުރި އެ ކުންފުނީގެ އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އެ ކޭނަރީ ގާއިމުކުރީ ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ އެހީގައި ކަމަށް އެންސިސްއިން ބުންޏެވެ.