ކައުންސިލްތަކުގެ ބާރު ހަނިކުރުން މުއިއްޒު ދެކެނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން ގޮތުގައި
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 10:55
ރާއްޖޭގެ ކައުންސިލްތަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަންކަމަށް ފައިސާ ހަރަދު ކުރާކަމަށް ކުރައްވާ ތުހުމަތު ތަކުރާރު ކުރެއްވުމަށްފަހު، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ ކައުންސިލްތަކުން ކުރާ ބައެއް ހަރަދުތައް ހުއްޓުވައި ކައުންސިލް ކުންފުނިތަކުން ކުރާ ވިޔަފާރިތަކުގެ ގިންތިތައް ކޮންޓްރޯލް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީކޮށް ހިދުމަތް ދިނުމަކީ އެމަނިކުފާނު ހިތުގެ އަޑިން ފުރިހަމައަށް ގަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނު އުޅުއްވި ނިޒާމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް އެނގޭ އޭގެ މުހިންމުކަމާއި އޭގެ ފައިދާ އާއި އެކަން ކުރެވޭނެ ގޮތާއި އެކަމުގައި ސަރުކާރުތަކުން ވިޔަސް އަދި އެކި ދިމަދިމާލުން ހުރަސްތައް ކުރިމަތި ކުރާ ގޮތާއި އަދި ހުރަސްތައް ގިރާކުރަން ކުރާނެ ކަންކަމާއި ދެން ހުރިހާ، ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ،" މުއިއްޒު ވިދާޅުވި އެވެ.