ކައުންސިލްތަކުގެ ބާރު ނެގުމުގެ ހުއްޖަތަކަށް މުއިއްޒު ދެއްކީ ހޮޅި ވާހަކަ އާއި ދޮގު: ޝުޖާއު
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 7:25
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން ބޭނުންވި ސަބަބެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ދެއްކެވީ ދޮގު އަދި ހޮޅި ވާހަކައެއް ކަމަށް، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.
މުއިއްޒު އިއްޔެ ބ. އަތޮޅަށް ފެށްޓެވި ދަތުރުގައި އެ އަތޮޅު ކެންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ޒިންމާދާރު ނޫން ގޮތުގައި ބާރާއި ފައިސާ ބޭނުންކުރާ އެތައް ކައުންސިލެއް އެބަ ހުރި ކަމަށާއި މަޖިލީހުން ފާސްކޮށް، އަދި ތަސްދީގު ނުކޮށް އޮތް ބިލްގެ ބޭނުމަކީ ލޯކަލް ކައުންސިލް ކުންފުނިތަކުން ރަށުގެ ކުދި ވިޔަފާރީގެ ތެރެއަށް ވަނުން ހުއްޓުވުން ކަމަށެވެ.
"ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން، ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް، އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް، އެ ކުންފުނިތަކުން ވަންނަ ވަނުން ހުއްޓުވަންވެސް އަޅުގަނޑުމެން މި އުޅެނީ. ރައްޔިތުން ބާރުވެރިކުރުވަން. ކިހިނެއް މިވަނީ؟ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި ހަދައިގެން، އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ ތެރެއަށްވަނީމަ، ކިހިނެއް އެ ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ،" މުއިއްޒު ވިދާޅުވި އެވެ.