ހައްޖަށް ދާން ފައިސާ ދައްކައި ޖާގަ ލިބޭ މީހުންގެ ލިސްޓު އާންމުކުރަނީ
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 10:51
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓް އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަހީމް ހާޒިރުވުމުން ސުވާލު ވަގުތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެއްސެވީ އެ ލިސްޓް އާންމު ކުރުމުގެ ވިސްނުމެއް ގެންގުޅޭތޯ އެވެ. އެއީ ކޮރަޕްޝަނަށް މަގުފަހިވުމުގެ ފުރުސަތު ނުދިނުމަށް ކުރަންވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ކޮރަޕްޝަނާ ދެކޮޅަށް. ހައްޖު ކޯޕަރޭޝަންގެ ކަންކަމަކީ ދެފުށްފެންނަ ކަންކަން ގޮތުގައި ކަނޑައެޅިގެން ދާނެ. އެބަ މަސައްކަތް ކުރަން ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމުކުރަން،" ޝަަހީމް ޖަވާބު ދެއްވި އެވެ.