ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމުގައި ވައްކަންކުރާ ކަމަށް ދެކެވޭ ވާހަކަ ޝަހީމު ދޮގު ކުރައްވައިފި
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 11:13
ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމުގައި ލިސްޓު ތަރުތީބު އޮޅުވާލައި ވައްކަން ކުރަމުން ގެންދާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެހެންނަމަވެސް މިނިސްޓަރު ޖަވާބު ދެއްވާފައިވަނީ އެ މެންބަރު ކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ސުވާލަކަށެވެ. އެހެން ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.
ޝަމްހީދު ސުވާލު ކުރެއްވީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހައްޖަށް ދާން ފުރުސަތު ލިބުނީ ކީއްވެގެންތޯ އާއި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އާއިލާ އާއި ގާތް ބޭފުޅުންނަށް ހައްޖަށް ދާން ފުރުސަތު ލިބުނީ ކިހިނެއްތޯ އަދި ހައްޖު ކޯޓާއިން ވައްކަން ކުރުން މިނިސްޓަރަށް ހުއްޓުވިދާނޭތޯ އެވެ. މި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ޝަހީމް ފުރަތަމަ ވެސް ވިދާޅުވީ ހައްޖު ކޯޓާއިން ވައްކަން ކުރާކަމަށް ވާހަކަ ދެކެވެނީ ހަގީގަތާ ހިލާފަށް ކަމަށެވެ.