މީކާއިލްގެ ސުވާލަށް ހަލީލް ޖަވާބު ނުދޭތީ އިހުތިޖާޖު ކުރުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ނެރެފި
އަދަދު
13 އޯގަސްޓު 2025 | ބުދަ | 9:26
ފޮރިން މިނިސްޓަރު އަބްދުالله ހަލީލުއާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރި ސުވާލަށް ޖަވާބު ނުދޭތީ އިހުތިޖާޖު ކުރުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ހަލީލު ހާޒިރުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި މީކާއިލް ސުވާލު ކުރީ އެކަމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ސަރުކާރުން ގަބޫލުކުރޭތޯ އެވެ. ނަމަވެސް، އެ ސުވާލަށް ހަލީލް ސީދާ ޖަވާބު ނުދެއްވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ފަހަދު އަލް ސައުދަކީ ސައުދީ އަރަބިއާގެ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ވިދާޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށެވެ. އެގޮތުން، ރައީސް ސައުދީއަށް ދަތުރުކުރެއްވި އަދަދާއި ސައުދީގެ ވަލީއަހުދާ ބައްދަލުކުރެއްވި ވާހަކަ ވެސް ވިދާޅުވި އެވެ.