ސިފްކޯ ފްލެޓު ޕްރޮޖެކްޓު ނޫމަޑިއަށް ދޭން އެންގީ އޭރުގެ ސަރުކާރާއި ސިފައިންގެ ލީޑާޝިޕުން: އޮޑިޓު
އަދަދު
13 އޯގަސްޓު 2025 | ބުދަ | 11:58
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ ހަވާލުކުރީ އޭރުގެ ސަރުކާރާއި ސިފައިންގެ ލީޑާޝިޕުން އަންގައިގެން ކަމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުނެފި އެވެ.
ސިފްކޯ ހިޔާގެ މަސައްކަތް ނޫމަޑިއާ ހަވާލުކުރުމުގައި ހިނގައިދިޔަ ކަންކަމުގެ މައުލޫމާތު ސިފްކޯއިން އޮޑިޓު އޮފީހާ ހިއްސާކުރި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން ހެދި އޮޑިޓަށެވެ. މި އޮޑިޓު ރިޕޯޓު އަދި ޝާއިއު ނުކުރި ނަމަވެސް އޮޑިޓު އޮފީހުން ވަނީ ސިފްކޯގެ މައްސަލަ ބަލަމުން އަންނަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއާ މި ރިޕޯޓު ހިއްސާކޮށްފަ އެވެ.
މި އޮޑިޓުގައިވާ ގޮތުގައި ސިފްކޯއިން ނޫމަޑިއާ މި މަސައްކަތް ހަވާލުކުރީ އިތުރު ބަޔެއްގެ ހުށަހެޅުމެއް ނުހޯދައި އަގުތައް ވަޒަން ނުކޮށް އަދި ހުށަހެޅުމެއް ހޯދަން ވެސް އެއްވެސް މަސައްކަތެއް ނުކޮށެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސިފްކޯއިން ބުނީ އެ ކޯޕަރޭޓިވްގެ މެނޭޖުމަންޓު ބޯޑުން އެ ގޮތަށް ނިންމީ މިއީ ސިފައިންނަށް ނުހަނު ފައިދާ ބޮޑު މަޝްރޫއެއް ކަމަށް ބުނެ ސިފައިންގެ ލީޑާޝިޕުން އިރުޝާދު ލިބިގެން ކަމަށެވެ.