ވޭޕާއި ޑްރަގު ފެނިގެން ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި
އަދަދު
13 އޯގަސްޓު 2025 | ބުދަ | 7:40
ގދ. ތިނަދޫން ވޭޕުތަކާއި މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރި ފުލުސް މީހާ އެ ރަށު މެޖިސްޓްރޭޓު ކޯޓުން ދޫކޮށްލި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި، އެ އަމުރު ބާތިލުކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހައި ކޯޓުން ވަނީ، މުހައްމަދު ސާޖިދު އަހުމަދު ނަމަކަށް ކިޔާ އެ ފުލުސް މީހާގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުން ހުށަހަޅައިފި ނަމަ، ދެ ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވެސް ހުކުމްކޮށްފަ އެވެ.
ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ސާޖިދު ދޫކޮށްލަން އަމުރުކުރީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހޯދި އަމުރެއްގެ ދަށުން، އެ ގާނޫނަކީ މަދަނީ ކުށްތަކެއް އުފައްދާ ގާނޫނަކަށް ވާތީ، އަމިއްލަ ތަނެއް ބަލައި ފާސްކޮށްގެން މަނާކޮށްފައިވާ ދުންފަތުގެ ބާވަތްތަކާއި އުފެއްދުންތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ނުލިބޭތީ، އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.