ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޯސްޓްގާޑާ ހަވާލުކޮށް ހިދުމަތަށް ނެރެފި
އަދަދު
16 އޯގަސްޓު 2025 | ހޮނިހިރު | 12:02
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ކޯސްޓްގާޑާ ހަވާލުކޮށް ހިދުމަތަށް މިރޭ ނެރެފި އެވެ.
އެ މަނަވަރު ރާއްޖެއަށް ރަސްމީކޮށް ހަދިޔާ ކުރީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ބައިވެރިވެވަޑައިގެންނެވި އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަށް ނަން ދީފައި ވަނީ ދިވެހިރާއްޖެ އިސްލާމްވިއިރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ. ދަރުމަވަންތަ ދިވެހިރާއްޖެއާ ހަވާލު ކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓު ކޮމާންޑަރު، އެޑްމިރަލް ކަދިރް ޔިލްޑްޒް އެވެ. އެ މަނަވަރާ ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.