ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ
އަދަދު
16 އޯގަސްޓު 2025 | ހޮނިހިރު | 2:35
މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވަނީ އޮގަސްޓު 7، އާއި ހަމައަށް ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާގޮތުން އެ ތާރީހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 173.1 މިލިއަނެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ވެސް މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 355.1 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 182 މިލިއަނުގެ ވެއްޓުމެކެވެ.