ސްޓްރާޑާ މައްސަލަ: ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ދައުލަތުން އެދިގެން ބާތިލުކޮށްފި
އަދަދު
18 އޯގަސްޓު 2025 | ހޯމަ | 4:55
ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށްގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކޮށްފި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ހެދި ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ތަން ސަރުކާރުން އަތުލުމާ ހަމައަށް ނުދައްކާ އޮތް ކުލީގެ ފައިސާއަށްވާ 1.4 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު، 2019، ގަ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލައިގައި، ހުކުމް ތަންފީޒު ކުރުމުގެ ބައި ކުރިއަށްގެންދަން ނިންމީ ކޯޓުން އިސް ނަގައިގެންނެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން މުރާޖައު ކުރަން ބޭނުންވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކުރަން އެދޭ ކަމަށެވެ.