މި ސަރުކާރުން ބޭނުން ވަނީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް: ޝާހިދު
އަދަދު
19 އޯގަސްޓު 2025 | އަންގާރަ | 6:51
ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ބައެއް ވެރިން މުގުލުގައި ތިއްބަވައިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ފޮނުއްވި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ, ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލުމަށް ފަހު، މީޑިއާ ކޮންޓްރޯލުކުރަން ހުށަހެޅި ބިލާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން" ކަމަށެވެ.