ގެސްޓުން "އައްޗިކޮށް" އުޅޭ ކަމަށް ވިދާޅުވެ މުއިއްޒުގެ ނުރުހުން ލޯކަލް ޓޫރިޒަމަށް
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 10:03
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ލޯކަލް ޓޫރިޒަމް ސިނާއަތަށް އޮތް ނުރުހުން ފާޅުކުރައްވައިފި އެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައި ހުންނަވާ ރައީސް މި ވާހަކަ ފެއްޓެވީ ކުޑަކުއްޖަކު ދިން ކަމަށް ބުނާ ނޯޓެއް ކިޔުއްވުމަށްފަހު އެވެ. ނޯޓު ލިބުނީ މި ވާހަކަ ދައްކަން ވިސްނަވައިގެން ހުންނަވަނިކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް ހަމަ އޮތް ގޮތަށް ކިޔާލާނަން. 'ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން.' ވަރަށް ރީތިކޮށް ކުރަހާފަ އޮތް ކުރެހުމަކާއެކު ކުޑަކުދިން އަޅުގަނޑަށް ދިން މެސެޖެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.