މެޓާނިޓީ ލީވުގައި ހުއްޓާ ކަނޑާލި މުވައްޒަފަކަށް މުސާރަ ނުދޭން ނަދާ ހައި ކޯޓަށް
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 11:46
ރާއްޖޭގެ މަޝްހޫރު އަންހެން ވިޔަފާރިވެރިޔާ ފާތިމަތު ނަދާ ހިންގާ ނަދާ ސެލޫންގެ މުވައްޒަފަކު ވިހެއުމުގެ ސަބަބުން ނެގި ޗުއްޓީގައި ހުއްޓާ ވަޒީފާއިން ވަކިކުރުމުން ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމުމުން، މުސާރަ އާއި ބަދަލު ނުދޭން ނަދާގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި، މެއި 29، ގައި ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ ޖޫން 29، ގަ އެވެ. އެ މައްސަލަ ރަޖިސްޓްރީ ކުރުމާމެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނަދާ ސެލޫނާއި ދެކޮޅަށް ނިންމި މައްސަލައަކީ މިދިޔަ އަހަރު އެ ސެލޫނުން ވަކިކުރި މުވައްޒަފަކު ހުށަހެޅި މައްސަލަ އެކެވެ. 2018 އިން ފެށިގެން އެތަނުގައި މަސައްކަތްކުރި އެ މުވައްޒަފު ވިހެއުމުގެ ޗުއްޓީއަށް ގޮސްފައިވަނީ އޮގަސްޓު 2024، އިން އޮކްޓޯބަރު 2024 އަށެވެ.