ޗެނަލް13 ގެ ލައިވް ހުއްޓާލަން އެންގުމަކީ ސަރުކާރުގެ ނުފޫޒު އޮންނަ ރެގިއުލޭޓަރަކު ކަން ކުރާނެ ގޮތުގެ މިސާލެއް: އެމްޖޭއޭ
އަދަދު
22 އޯގަސްޓު 2025 | ހުކުރު | 1:10
ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޖަލްސާ ޗެނެލް 13 އިން ރޭ ދައްކަން ފަށަން އޮތް ވަގުތު އެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކަނޑައިލަން، ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމަކީ ސަރުކާރުގެ ނުފޫޒު އޮންނަ ބަޔަކު މީޑިއާ ރެގިއުލޭޓު ކުރާއިރު ކަންވާނެ ގޮތުގެ މިސާލެއް ކަމަށް މޯލްޑިވްސް ޖޯނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ރެގިއުލޭޓު ކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ. އަދި އެގޮތަށް މައްސަލަ ބަލާނަމަ އިންސާފުގެ ހަމައިން ބޭރުވެ ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
"ބްރޯޑްކޮމްގެ މި އަމަލުގެ ސަބަބުން ވެސް އެނގި ހާމަވެގެން މިދަނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓު ކުރާނަމަ އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނެ ހުރަސްތަކާއި ނުރައްކާތަކުގެ ކުޑަވަރެއްގެ މިސާލެކެވެ،" އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.