އެމްޑީޕީއަށް ތާއީދު ކުރާތީ ފެނަކަ ދިއްގަރު ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި
އަދަދު
25 އޯގަސްޓު 2025 | ހޯމަ | 12:13
އިދިކޮޅު އެމްޑީޕީއަށް ތާއީދު ކުރާތީ މ. ދިއްގަރު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން 30 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
ފެނަކައިން ސަސްޕެންޑު ކޮށްފައި ވަނީ ދިއްގަރު ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު، ޒޫބީން ހަސަން އާއި އެ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، މުހައްމަދު ސޯދިގު އެވެ. ސަސްޕެންޑު ކުރިކަން އަންގައި އެ ދެ މީހުންނަށް ދީފައިވާ ލިޔުމުގައި ބުނެފައި ވަނީ އެމީހުން ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފުސީލެއް ލިޔުމުގައި ނެތެވެ. އެ ދެ މީހުން ވެސް ސަސްޕެންޑު ކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށެވެ.
ނަމަވެސް އަދަދު އިން ސުވާލު ކުރުމުން ޒޫބީން ވިދާޅުވީ ސަސްޕެންޑު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސަސްޕެންޑު ކުރީ ކޮން ސަބަބަކާ ހުރެކަން ވެސް ނޭނގޭ ކަމަށެވެ.