އޭޖީ އޮފީހުގެ ގާނޫނަށް އަމަލު ކުރަން ނުފަށަނީސް އެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ޖެހިއްޖެ
އަދަދު
25 އޯގަސްޓު 2025 | ހޯމަ | 9:10
ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތައް ގެންނަން ފާސްކުރި ގާނޫނަށް އަމަލު ކުރަން ނުފަށަނީސް އެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށަންޖެހިއްޖެ އެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރާތާ 90 ދުވަސް ފަހުން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައި ވެ އެވެ.
އެ ބިލު ތަސްދީގު ކުރިތާ މަސްދުވަސް ވެސް ނުވަނީސް އެ ގާނޫނަށް އިސްލާހެއް ގެންނަން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، އަލީ ފަޒާދެވެ. ނަމަވެސް އެ އިސްލާހުގައި ބަޔާން ކޮށްފައި އޮތީ، އިސްލާހު މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ހިސާބުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފަށަން ވާނެ ކަމަށެވެ.