ހުލާސާކޮށް އިއްޔެ: މުއިއްޒު ބީރު ކަންފަތެއް ދުއްވުމާއި ނޫސްވެރިންގެ މަސައްކަތް ވަރުގަދަ ކުރުން
އަދަދު
26 އޯގަސްޓު 2025 | އަންގާރަ | 6:00
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެެއްވައި، އެ ބިލަށް ކުދިކުދި އިސްލާހުތަކެއް ގެންނަން ދަންނަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ހދ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މީޑިއާތައް ނެތިކޮށްލާ ބިލާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތުމުގެ ބަދަލުގައި އިސްލާހު ކުރާއިރު ކޮމިޝަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން އަންގާފައިވާ ކަމަށެވެ.
"ބިލުގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ކޮމިޝަން އެ ބިލު ފާސްވެގެން ގާނޫނަކަށް ވާއިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. އެގޮތަކަށް އަޅުގަނޑު އެކަމެއް ނުކުރާނަން. އަޅުގަނޑު މިހާރު ދަންނަވާފައިވާނެ އެ އިސްލާހުކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހުކުރާއިރުގައި އެ އުފެދޭ ކޮމިޝަންގެ ތެރެއިން އެ ކޮމިޝަންގެ މީހުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާންވާނީ،" މުއިއްޒު ވިދާޅުވި އެވެ.