ފިޓްނަސް ސެންޓަރުތައް އަޅަން އެމްއޭސީއެލްއިން 327 މިލިއަން ރުފިޔާ ހަރަދުކުރޭ
އަދަދު
27 އޯގަސްޓު 2025 | ބުދަ | 1:27
އެކި ސަރަހައްދުތަކުގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މުޅި ޕްރޮޖެކްޓަށް 327 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ މަހުގެ 19، ގަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތައް ފެއްޓެވުމުގެ ކުރިންނެވެ. މުއިއްޒުގެ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ގެންދަވަނީ މި ސެންޓަރުތަކުގެ ބިންގާ އަޅުއްވަމުންނެވެ.
ނަމަވެސް އެ މަޝްރޫއުގައި ސޮއިކުރި އިރު އެ މަސައްކަތަށް ހިނގާނެ ހަރަދާއި ފަރުމާ އާއި މަސައްކަތް ނިންމަން ދިން މުއްދަތު ފަދަ މުހިންމު މައުލޫމާތެއް ހާމަނުކުރެ އެވެ.