ކައުންސިލްތަކުގެ ބާރު ހަނި ކުރުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ގޮތަށް ކަންކަން ނުކުރައްވާ ކަމަށް
އަދަދު
26 އޯގަސްޓު 2025 | އަންގާރަ | 10:22
ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް އެ ގާނޫނަށް އެތައް ބަދަލެއް ގެނައުމަށް ފަހު ކައުންސިލްތަކުގެ ބާރު ހަނި ނުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރެވޭ ވިޔަފާރިތަކުގެ ގިންތިތައް ކޮންޓްރޯލް ކުރުމަށް ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުތަކާއެކު ކައުންސިލްތަކުގެ ފަހު އަހަރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.
ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ކައުންސިލްތަކުން އެ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރިއިރު މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ ކައުންސިލްތަކުން އެ ބަދަލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ ކަންބޮޑުވުންތަކަށް އިޖާބަ ނުދެއްވާކަން މުއިއްޒުގެ ވާހަކަތަކުން އެނގެ އެވެ.