ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް ތިނެއް އިފްތިތާހު ކުރީ ދެވަނަ ފޭސްގެ މަސައްކަތް ހުއްޓިފައި އޮއްވައި
އަދަދު
27 އޯގަސްޓު 2025 | ބުދަ | 12:24
ހދ. ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފޭސް އިފްތިތާހު ކުރީ ދެވަނަ ފޭސް ފުރިހަމަ ނުކުރެވި މަސައްކަތް ވެސް ހުއްޓިފައި އޮއްވައި ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގައި ހަތަރު މަޝްރޫއުއެއް އިފްތިތާހު ކުރި އެވެ. އެއީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު ސަތޭކަ ހައުސިން ޔުނިޓުގެ މަސައްކަތްތައް އަލުން ފެށުމާއި، މި ސަރުކާރުން ކުޅުދުއްފުށީގައި އަޅާނޭ ކަމަށް ވައުދުވި ދެހާސް ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމާއި، ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފޭސް ފެށުމުގެ މަޝްރޫއު އެވެ.
މި ހުރިހައި މަޝްރޫއުތަކެއްގައި ސޮއިކުރެވުމަކީ ވަރަށް އުފާވެރިކަމެއް ކަމަށް ފާހަގަ ކުރެއްވުމާއެކު އާތިފް ވިދާޅުވީ އެ މަޝްރޫއުތަކާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފޭސްގެ މަޝްރޫއު އިފްތިތާހު ކުރެވުނުއިރު ދެވަނަ ފޭސްގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް އާތިފް ވިދާޅުވި އެވެ.