އުލުބައިންދަންޖެހޭ ކަމަށް ވިދާޅުވީތީ ނޫސްވެރިންގެ ކިބައިން ފަލާހު މާފަށް އެދެން ޖެހޭ: މީޑިއާ ކައުންސިލް
އަދަދު
28 އޯގަސްޓު 2025 | ބުރާސްފަތި | 9:11
ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ވިދާޅުވެ ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރިންގެ ކިބައިން އޭނާ މާފަށް އެދެންޖެހޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކައުންސިލުގެ މެންބަރު، ލީވާން އަލީ ނާސިރު ބުނީ ހުރިހާ ނޫސްވެރިންނަށް ނިސްބަތްކޮށް ފަލާހު ދެއްކެވި ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.
"ޕީއެންސީގެ ޕީޖީ ލީޑަރު މިއަދު މަޖިލީހުގައި އެ ދެއްކެވި ވާހަކައަކީ ނޫސްވެރިން އުލުބައިންދަންޖެހޭ ވާހަކަ، ކޮންކަހަލަ ވާހަކައެއްތޯ ނޫސްވެރިންނާ ގުޅޭގޮތުން އެ ދެއްކެވީ؟ އަޅުގަނޑު ހަމަ ހައިރާންވޭ، ހަގީގަތުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަލާހު މިއަދު ޖެހޭނެ ނޫސްވެރިންގެ ކިބައިން މާފަށް އެދެން، އެކަމާ ގުޅިގެން،" ލީވާން ވިދާޅުވި އެވެ.