މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ބިލާ ހުރިހާ ނޫސްވެރިން ވެސް ދެކޮޅުކަން ކޮމިޓީއަށް ސާފުކޮށްދީފި
އަދަދު
1 ސެޕްޓެމްބަރު 2025 | ހޯމަ | 4:23
މިނިވަން ނޫސްވެރިކަން ނައްތައިލުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށް އެ ބިލަށް ހިޔާލު ހޯދުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި ހުރިހާ ނޫސްވެރިން ބުނެފި އެވެ.
މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި އެއްވެސް ނޫސްވެރިއަކު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށް ވާހަކައެއް ނުދައްކަ އެވެ. ހުރިހާ ނޫސްވެރިން ވެސް ފާހަގަކުރީ އެ ބިލުގައި ހުރި ކަންބޮޑުވުންތަކެވެ.
މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަދަދު ނޫހުގެ އެޑިޓަރު، ހަސަން މުހައްމަދު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެން ދާނެ ގޮތަށް ކަމަށެވެ. އަދި އެ ބިލު ޑްރާފްޓުގައި ކޮށްފައި ހުރީ ނޫސްވެެރިން ކުށްވެރިވާނެ ފަދަ މާއްދާތަކެއް ހިމަނައިގެން ކަމަށް ހަސަން ވިދާޅުވި އެވެ. އަދަދު ނޫހުގެ ފަރާތުން ހަސަން ގޮވައިލެއްވީ މިނިވަން މީޑިއާ ނައްތައިލާ ބިލު ބޭރު ކޮށްލުމަށެވެ.