ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރަން އާންމުންގެ ވޯޓަކަށް ދެވޭ ގޮތަށް އޮތް ބިލު ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށްފި
އަދަދު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 10:07
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގިދާނެ ކަމަށް ބަޔާންކޮށްފައި އޮތް ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބެއް މިއަދު ބޭއްވި ކޮމިޓީގައި މެންބަރުން ހާމައެއް ނުކުރެ އެވެ. އެ ބިލުގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިންނެވެ.
ކޮމިޓީގައި މިއަދު އޮތީ ބިލް ދިރާސާ ކުރުމުގެ މަސައްކަތެވެ. ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންނެވެ. ކޮމިޓީ ސިއްރު ކުރީ ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުންނެވެ.