ޖުޑީޝަރީގެ މިނިވަންކަން ނެގެހުއްޓުމަށް އެއްބާރުލުން ދޭން ކަމަށް ބުނެ ބަންޑާރަނައިބު، އުއްތަމަ ފަނޑިޔާރުގެ އަރިހަށް
އަދަދު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 1:13
ޖުޑީޝަރީގެ މިނިވަންކަން ނެގެހެއްޓުމަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މި ބައްދަލުވުން ބޭއްވީ އިއްޔެ އެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓައި، އަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމުގައި ޝަރުއީ ދާއިރާއަށް އެއްބާރުލުން ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އުޝާމް މި ބައްދަލުވުމުގައި ދެއްވި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
މިއީ އުއްތަމަ ފަނޑިޔާރުގެ މަގާމާ ފަނޑިޔާރު ޣަނީ ހަވާލުވެވަޑައިގެންނެވި ފަހުން އެޓާނީ ޖެނެރަލް ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގައި މިވަގުތު ވެސް ދުސްތޫރީ މައްސަލައެއް ހުއްޓިފައި އެބަ އޮތެވެ.