ފުވައްމުލަކު އެއާޕޯޓު ހުއްޓި އެތައް ސަތޭކަ ބަޔަކަށް އަސަރު ކުރުމުން މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި
އަދަދު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:55
ގާތްގަނޑަކަށް 14،000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގެ އެއާޕޯޓުގެ އޮޕަރޭޝަންސް ހުއްޓި، އެތައް ސަތޭކަ ބަޔަކަށް އޭގެ ސަބަބުން އަސަރު ކުރުމުން އެ ސިޓީގެ މޭޔަރު އަލީ ރަފީގު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހަވީރުގެ ވަގުތަކުން ފެށިގެން ހުއްޓުނީ އެއާޕޯޓުގައި އޮންނަ އަލިފާން ނިއްވާ އުޅަނދުގެ މައްސަލައެއް ޖެހިގެންނެވެ. ފަޔާ ޓްރަކެއް ނެތި އެއާޕޯޓު ހިންގުމަކީ ހުއްދަ ކަމެއް ނޫނެވެ.
ފުވައްމުލަކު މޭޔަރު ރަފީގު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބަލަންޖެހޭ މިންވަރަށް ބަލާ ނަމަ ދިމާނުވާނެ ފަދަ މައްސަލައެއް ދިމާވެގެން އެއާޕޯޓު ހުއްޓުނީތީ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ސަރުކާރާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.