މެންބަރު ސިނާނުގެ މާލީ ބަޔާނުގައި އޮޅުވާލުންތަކެއް، ލިބުނު އާމްދަނީ އާއި ލޯނަށް ދެއްކި ފައިސާގެ އަދަދު ދިމާނުވޭ!
އަދަދު
3 ސެޕްޓެމްބަރު 2025 | ބުދަ | 2:10
ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މައްސަލައެއް ބަލަމުންދާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މާލީ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.
މީގެ ދޮޅު އަހަރު ކުރިން ހޮވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް، މަޖިލިސް އިދާރާއިން ހާމަކުރަން ފެށީ މިއަދު އެވެ. އެ ބަޔާންތަކުގައި ވަނީ މެއި 28، 2024 އިން ފެށިގެން މެއި 27، 2025 އާއި ހަމައަށް މެންބަރުން އަތުގައި ހުރި ފައިސާ އާއި ދަރަނި އަދި މުދަލުގެ ތަފުސީލުތަކެވެ.
އެ މުއްދަތުގައި ސިނާން އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ އާމްދަނީ އަކީ 1.6 މިލިއަން ރުފިޔާ އެވެ. އެއީ މުސާރައިގެ ގޮތުގައި ލިބުނު 906،773.69ރ. އަދި ވިޔަފާރި ނަފާގެ ގޮތުގައި ލިބުނު 675،000ރ. އެވެ. މާލީ ބަޔާން ދިން އިރު ސިނާނުގެ އެކައުންޓުތަކުގައި އެންމެ ހާހެއްހާ ރުފިޔާ ވެސް ނެތެވެ.