މާލީ ބަޔާން ހުށަނާޅާ ހަބަރު ޖެހުމާ ގުޅިގެން ކޯފާވެ، މީޑިއާ ބިލު އަވަސްކުރަން މެންބަރު ނިޒާރު ގޮވާލައިފި
އަދަދު
3 ސެޕްޓެމްބަރު 2025 | ބުދަ | 10:41
ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން އޭނާ މިއަދު ގޮވާލައްވައިފި އެވެ.
ނިޒާރު މާލީ ބަޔާން ހުށަނާޅާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރީ، ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު އޭނާގެ ބަޔާން ފެންނަން ނެތުމުންނެވެ.
މެންބަރުންގެ މާލީ ބަޔާންތަކުގެ ބައެއް ހަބަރުތައް ޖެހި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އާންމުކުރީ މިހާތަނަށް މާލީ ބަޔާން ހުށައެޅި 88 މެންބަރުންގެ ކަމަށެވެ. މިހެންކަމުން ނިޒާރަކީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރެއިން އެކަކެވެ.