ހުލާސާކޮށް އިއްޔެ: ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
އަދަދު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 6:10
ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއު ހުއްޓުވަން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. އޮގަސްޓު 13، ގައި އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މީގެ ދެ ދުވަސް ކުރިން ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އެ ޕެޓިޝަން ހިއްސާ ވެސް ކުރަމުންނެވެ.