މާލޭ ގޭންގެއްގެ ސޭފްހައުސްއަކުން ތޫނު ހަތިޔާރާއެކު ތިން މީހުން ހައްޔަރުކޮށްފި
އަދަދު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:09
މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ގެއެއް ބަލައި ފާސްކޮށް ތޫނު ހަތިޔާރާއެކު ތިން މީހުން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އަހުމަދު ނަވާޒު، 30، މއ. މޯނިންވިޔު އާއި އިބްރާހިމް ޒައިދާން، 22، މއ. މޯނިންވިޔު އަދި މުހައްމަދު ޝިދާދު، 22، ބަށިމާގެ، ލ. މާބައިދޫ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމުވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.