މީޑިއާ ނެތިކޮށްލާ ބިލު ދިރާސާކުރާ ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ބޭރުކޮށް، ސިއްރު ކުރުމުން މުޒާހަރާ ކުރަނީ
އަދަދު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 12:49
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ދިރާސާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީ ބައްދަލުވުމުން ނޫސްވެރިން ބޭރުކޮށް ސިއްރު ކުރުމާ ގުޅިގެން މުޒާހަރާ ކުރަން ފަށައިފި އެވެ.
ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.
ބިލުގެ ކޮންމެ މާއްދާ އަކަށް 10-12 ކޮމެންޓު ލިބިފައި އޮތް ކަމަށް ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު ވިދާޅުވި އެވެ. ސަރުކާރުގެ ތާއީދާއެކު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލުގައި 85 މާއްދާ އޮވެ އެވެ.