ސުޕްރީމް ކޯޓުން މުއިއްޒަށް ސަނާކިޔުމުން ފާޑުކިޔުން
އަދަދު
12 ސެޕްޓެމްބަރު 2025 | ހުކުރު | 3:27
އަންނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީން ވަކި ޕަސަންޓެއް ކަނޑައަޅާ، އެފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ސަރުކާރުން ނިންމުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ރައީސް މުހައްމަދު މުއިއްޒަށް ސަނާކިޔުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމަށް ނިންމީތީ ޝުކުރު އަދާކުރާ ކަމަށެވެ.
"މިނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވަން،" ސުޕްރީމް ކޯޓުން ބުންޏެވެ.