މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރާ ޖަލްސާގެ އެޖެންޑާ އާއި ގަޑި މެންބަރުންނަށް އަދިވެސް ނާންގާ
އަދަދު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 7:51
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރަން މިއަދު ނިންމާފައި ވާއިރު، އެ ޖަލްސާގެ އެޖެންޑާ އާއި ގަޑި އަދިވެސް މެންބަރުންނަށް ނާންގާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި ޒިޔާދު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުންނަށް ލިބިފައި ނެތް ކަމަށެވެ.
"މިއީ ބާއްވާ ހޮޅުއަށި ބައްދަލުވުމެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. ނަމަވެސް އަދިވެސް މެންބަރުންނަށް ނާންގާ މަޖިލީހުގެ ޖަލްސާ ފަށާ ގަޑިއެއް، އަދި އެޖެންޑާގައި އޮތީ ކޮން ކަމެއް ކަމެއް ވެސް،" ޒިޔާދު ވިދާޅުވި އެވެ.