ބޮޑު ޑްރެޖަރު ގެނެސްގެން ހަތަރު ހަފުތާ ތެރޭ ރަސްމާލޭން ހިއްކުނީ 20 ހެކްޓަރު
އަދަދު
17 ސެޕްޓެމްބަރު 2025 | ބުދަ | 11:56
ހުއްޓިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފެށުމަށް ގެނައި ބޮޑު ޑްރެޖަރުން ހަތަރު ހަފުތާގެ ތެރޭގައި ހިއްކުނީ 20 ހެކްޓަރުގެ ބިން ކަން ސެޓްލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
ރަސްމާލޭގެ ސީ އަދި އީ ހިއްކަން ހަވާލުކޮށްފައިވާ ޗައިނާ ހާބަރު އިންޖިނޭރިން ކޮމްޕެނީ (ސީއެޗްއީސީ) އިން އައު ޑްރެޖަރެއް ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފެށީ އޮގަސްޓު 21، ގަ އެވެ.
އެ ކުންފުނިން ގެނައީ "ޔުން ޔޭންގް 1" ނަމަކަށް ކިޔާ 21،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޮޑު ޑްރެޖަރެކެވެ. މިއާއެކު ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދުވެލި ދެ ގުނަ އަވަސްވާނެ ކަމަށް ސަރުކާރު ޕްރޮމޯޓުކުރާ ސޯޝަލް މީޑިއާ އެކައުންޓުތަކުންނާއި ސަރުކާރުގެ ސިޔާސީ މުވައްޒަފުން އޭރު ބުންޏެވެ.