މިނިވަން ހިޔާލު މަނާ ކުރާ ބިލާއެކު ބޭރުގެ ޕްރެޝަރު ބޮޑުވެ، ބިލުގެ ހަގީގަތް އޮޅުވާލަން ސަރުކާރުން ސޯޝަލް މީޑިއާއަށް
އަދަދު
17 ސެޕްޓެމްބަރު 2025 | ބުދަ | 8:13
ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސް ކުރި މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލުގެ ސަބަބުން ބޭރު ގައުމުތަކުން ސަރުކާރަސް ކުރާ ޕްރެޝަރު ބޮޑުވެ، ބިލުގެ ހަގީގަތް އޮޅުވާލަން ސަރުކާރުގެ އިސް އޮފިޝަލުން ސޯޝަލް މީޑިއާގައި ލިޔަން ފަށައިފި އެވެ.
ސަރުކާރުން ބިލު ފާސް ކުރުމާއެކު ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވަނީ މިނިވަން ހިޔާލާއި ނޫސްވެރިކަން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހި ސަރުކާރަށްް ފާޅުގައި ގޮވާލައިފަ އެވެ. އޭގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ބިލުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކުރި ކަން މި ނޫހަށް އެނގިފައިވެ އެވެ.
އޭގެ ފަހުން، ބިލު ދިފާއުކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވަމުންނެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކުރައްވަމުން ގެންދަވާ ޕޯސްޓުތަކަށް ވެސް ސަރުކާރުން ދަނީ ރައްދު ދެމުންނެވެ.