ހުލާސާކޮށް އިއްޔެ: ބަޖެޓު ތަންފީޒުނުކޮށް ހަރަދު ކުޑަކުރުން
އަދަދު
24 ސެޕްޓެމްބަރު 2025 | ބުދަ | 6:09
މި އަހަރަށް ފާސްކުރި ބަޖެޓުގައި ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރަން އަޅަން ބުނި ފިޔަވަޅުތައް ނާޅައި ބަޖެޓުގައި ހިމެނި ގޮތަށް މަޝްރޫއުތަކަށް ހަރަދު ނުކޮށް ތިބެ، ކުރީ އަހަރަށް ވުރެ ހަރަދުތައް ކުޑަކުރެވިއްޖެ ކަމަށް އިއްޔެ ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން އެ ބުނާ ގޮތަށް އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގެ މުއްދަތާއި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިއިރު، ހަރަދުތައް ވަނީ 15 ޕަސެންޓު ދަށްކޮށްފަ އެވެ. އެންމެ ބޮޑަށް ދަށްވީ ކެޕިޓަލް ހަރަދަށް ކުރި ހޭދަ އެވެ. ކެޕިޓަލް ހަރަދު ވަނީ 57 ޕަސެންޓު ދަށްވެފަ އެވެ.
އަހަރުން އަހަރަށް ހަރަދު ކުޑަކުރެވުނު ކަމަށް ދައްކާ މައިގަނޑު ސަބަބަކީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތުމެވެ. އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މިދިޔަ އަހަރު ހަމަ މި މުއްދަތުގެ ތެރޭގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.