އައްޑޫ ޕޯޓުން ވަގު ސިނގިރޭޓުގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި، ޑިއުޓީ 15 މިލިއަނަށް އަރާ
އަދަދު
24 ސެޕްޓެމްބަރު 2025 | ބުދަ | 6:27
ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަކުން ޑިއުޓީ ބޮޑުކުރި ފަހުން ވަގު ދުންފަތުގެ މައްސަލަތައް އިތުރުވެފައި ވަނިކޮށް، އައްޑޫ ސިޓީ ހިތަދޫ ޕޯޓުން 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވާ ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް މި މުދާ ޑިކްލެއާކޮށްފައި ހުރި ގޮތުގެ ތަފުސީލެއް ނޫނީ މިކަމުގައި ޝާމިލުވާ ބަޔަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކަސްޓަމުން ނުދެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މި ތަކެތީގެ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 15 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.