ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރިތާ 130 ދުވަސް، އޭސީސީގެ ތަހުގީގު ކޮޅެއްގައި ނުޖެހޭ
އަދަދު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:28
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ވަކިކުރަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 130 ދުވަސްވީއިރު ވެސް އޭސީސީގެ ތަހުގީގު ކޮޅެއްގައި ނުޖެއްސުނެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭސީސީން ބަލަން ފެށި އެވެ. ޖޭއެސްސީން ހުސްނުއްސުއޫދުގެ މައްސަަ ތަހުގީގުކުރުން ހުއްޓާލީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ބިރުދައްކަވާ ކަމަށް ވިދާޅުވެ، އޭނާ އިސްތިއުފާދެއްވުމުންނެވެ.
އޭސީސީން ބަލަމުންދާ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައާ ގުޅޭގޮތުން ބަހެއް ހޯދުމަށް އަދަދު އިން އެ ކޮމިޝަނުގައި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އޭސީސީން ވަނީ މި މައްސަލައިގައި އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.