ރަށް އަތުލާފައި ހަދާ ރިސޯޓުތަކުން ކައުންސިލަށް ފައިދާއެއް ދެވޭތޯ ބަލަމުންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:29
ރަށްރަށުގެ އިހުތިސާސުން ވަކިކުރާ ފަޅުގެ ސަރަހައްދުތަކުގައި ނުވަތަ ފަޅު ރަށްރަށުގައި ތަރައްގީކުރާ ރިސޯޓުތަކުން އެ ރަށެއްގެ ކައުންސިލަށް މާލީ ފައިދާއެއް ވާނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ތ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ރަށްރަށުގެ އިހުތިސާސުގެ ތެރޭ ޓޫރިސްޓު ރިސޯޓު ހަދަން ހުއްދަ ނުލިބޭ ކަމަށެވެ. ކައުންސިލްތަކުން ރިސޯޓުތައް ހަދަން ބޭނުންވެ، އިންވެސްޓަރުން ހޯދުމުން ފަޅުގެ ބައެއް ނުވަތަ ރަށްރަށް އިހުތިސޯސުން ނަގަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.
މިފަދައިން އިހުތިސާސުން ވަކި ކުރި ނަމަވެސް ރަށުގެ ފަޅު ތެރޭގައި ނުވަތަ ކައިރީގައި އޮންނަ ރަށެއްގައި ރިސޯޓު ހެދުމުން އެންމެ ބޮޑަށް ފައިދާ ވާނީ އެ ރަށަކަށް ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ހުޅުވިގެންދާ ވަޒީފާގެ ފުރުސަތު ތަކެވެ.