ހުލާސާކޮށް އިއްޔެ: މީޑިއާ ގާނޫނު އުވާލަން އދ. އިން ގޮވާލުން
އަދަދު
26 ސެޕްޓެމްބަރު 2025 | ހުކުރު | 6:44
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އުވާލަން ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް އިއްޔެ ގޮވާލި އެވެ.
ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގު ކުރެއްވީ ސެޕްޓެމްބަރު 18، 2025 ގަ އެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.