ހިޔާވެހި ލޯނަށް އެދޭ ގިނަ ބައެއްގެ ޝަރުތު ހަމަނުވެ އޮއްވައި، ލޯނު ޕެކޭޖު ބޮޑު ކުރިކަން މުއިއްޒު އިއުލާނުކޮށްފި

އަދަދު

26 ސެޕްޓެމްބަރު 2025 | ހުކުރު | 11:03

ގެދޮރު ބިނާ ކުރަން ދޫކުރާ ހިޔާވެހި ލޯނު ސްކީމަށް އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކު އެ ލޯނަށް ޝަރުތު ހަމަނުވެ އޮއްވައި، ލޯނުގެ ގޮތުގައި ދޫކުރާ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ތ. ގުރައިދޫގައި އިއްޔެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހިޔާވެހި ސްކީމުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ގެދޮރު ބިނާ ކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބެނީ އެންމެ 29 ރަށަކަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ބޭންކުން ނިންމާފައި ވަނީ، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައި ވެސް ވަކި ރަށެއް ނުބަލައި، ހަމަ އެކަނި ސިޓީތަކެއް ނޫން، ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި، ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާ އާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ. "އެކަމުގެ ނިންމުން މިހާރު މީގެ ދެދުވަހެއްގެ ކުރިން، ބޭންކުގެ ބޯޑުންވާނީ ނިންމާފައި."

މައުޟޫޢުތަށް