ފެނަކަ ކޮރަޕްޝަން: ގަވާއިދާ ހިލާފަށް ސައީދުގެ އާއިލީ ކުންފުނިތަކާއެކު 92 އެއްބަސްވުމެއް ހަދައި، 31 މިލިއަން ރުފިޔާ ދޫކުރި!
އަދަދު
26 ސެޕްޓެމްބަރު 2025 | ހުކުރު | 3:18
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިޔާ އަހުމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައިވާ ކަމަށް ރޭ ދަންވަރު އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓަކުން ދައްކައިފި އެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދީ 2021 އާއި 2023 އާއި ދެމެދު ކަމަށެވެ. މި އެއްބަސްވުންތައް މިހާތަނަށް ބާތިލުކޮށްފައިވާކަން ރިޕޯޓުގައި ބުނެފައިނުވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ވެސް އެ ކުންފުނިތަކަށް ފެނަކައިން މިލިއަނުން ފައިސާ ދޫކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ދެ ޅިޔަނުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކާއި ސައީދުގެ ޅިޔަނެއްގެ ދަރީގެ ނަމުގައި ހަދާފައިވާ ކުންފުންޏެކެވެ. މި ތިން ކުންފުންޏާއެކު ފެނަކައިން ޖުމްލަ 92 އެއްބަސްވުމެއް ހަދާފައިވެ އެވެ.