މަޖުބޫރީ ހާލަތު މެދުވެރިވެގެން މާލެއިން ބޭރުގައި އުޅުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް އަންގާކަމުގެ ތުހުމަތު
އަދަދު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 7:40
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުން ފޮނުވަމުންދާ ކަމަށް ފަހި ޔޫނިއަނުން ތުހުމަތުކޮށްފި އެވެ.
އެ ޔޫނިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކިއެކި މަޖުބޫރީ ސަބަބުތަކަށްޓަކައި މާލެއިން ބޭރަށް ދާންޖެހުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ. އޭގެތެރޭގައި އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި މީހުންނާއި އެ ނޫން ވެސް ބައެއް މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް ސަރުކާރުން އަންގަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މާލޭގައި މުޅި އުމުރު ވެއަތުކުރަމުންދަނިކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޖަލުބަންދުގައި ތިބެންޖެހުނު ފަރާތްތަކާއި އަދި އެ ފަރާތްތަކުގެ މައްޗަށް އާހިރުގައި ކުށް ސާބިތު ނުވާ ފަރާތްތަކާއި ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މަޖުބޫރުވި ފަރާތްތަކާއި ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރުގައި އުޅެން ޖެހުނު ފަރާތްތަކުގެ ފްލެޓު ލިބުމުގެ ހައްގު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.