ބިލިއަން ރުފިޔާގެ ހިޔާނާތް ފަޅާއެރުމުން ސައީދު ބުނީ ހުރިހާ ކަމެއް ކުރީ އުސޫލުގެ ތެރެއިން ކަމަށް
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:55
މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް، އެ ދުވަސްވަރު ކުންފުނީގެ ހުރިހާ ކަމެއް ކުރީ އުސޫލުގެ ތެރެއިން ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެ، ރައްދު ދެއްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.