މީޑިއާ ކޮންޓްރޯލު ގާނޫނު އުވާލަން އދ. އިން ގޮވާލާފައި ވަނިކޮށް ސަރުކާރުން ބުނީ އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:57
ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވާތީ މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން އދ. އިން ގޮވާލާފައިވަނިކޮށް، ރާއްޖެއިން އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބުނެފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ އަހަރީ އާންމު ޖަލްސާގެ އާންމު ބަހުސްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތަގުރީރުކުރެއްވީ ރާއްޖެ ގަޑިން ރޭ ދަންވަރު އެވެ. ދުނިޔޭގެ ކުރިމަތީ ހުންނަވާ ހަލީލު ވިދާޅުވީ އިންސާނީ ހައްގުތަކަކީ ސިޔާސީ އަދި ޑިޕްލޮމެޓިކް ފައިދާ ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެ ކަމަށެވެ.
"ރާއްޖެއިން ކުރިއަށްދާނީ އިންސާނީ ހައްގުތަކުގެ މައިގަނޑު އަސާސްތައް ޗެމްޕިއަން ކުރަމުން. މީގެ ތެރޭގައި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ޒުވާނުންގެ އަޑުތައް އިއްވައިދިނުން ހިމެނޭ،" ހަލީލު ވިދާޅުވި އެވެ.