ނުހައްގު މުއްސަނދިކަން ހުއްޓުވަން ހުށަހެޅި ބިލު މަޖިލީހުގައި ޕާކުކޮށްފައި އޮންނަތާ ހަތް މަސް
އަދަދު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:23
ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލަން ކަމަށް ބުނެ ސަރުކާރުން ގާނޫނުލްއުގޫބާތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ އެއްވެސް މަސައްކަތް ނުކޮށް މަޖިލީހުގައި ތާށިކޮށްފައި އޮންނަތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ގާނޫނުލްއުގޫބާތުގެ ނުހައްގު މުއްސަނދިކަން ހޯދުމުގެ މާއްދާ ބަދަލުކުރުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ކޮރަޕްޝަނާއި ނުހައްދު މުއްސަނދިކަމުގެ މައްސަލަތައް ބަލައި ތަހުގީގުކުރަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިތާ ހަފުތާއެއް ފަހުން އެ ބިލު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅި ހަފުތާގެ ތެރޭގައި ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ނިންމައި، ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އެވެ. އެ ފަހުން ޖުޑީޝަރީ ކޮމިޓީން މި ބިލުގެ މަސައްކަތް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ 17، ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.